ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ރައްޔިތުންގެ މަޖިލީޙަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ އެ ބޭންކުގެ ރިކޯޑުތަކާއި އެއްގޮތަށް ދީފައިވާ ތެދު މައުލޫމާތު ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން މިހެން ބުނެފައިމިވަނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދެއްވި މައުލޫމާތުތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ބީއެމްއެލްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހަށް އެ ބޭންކުގެ ފަރާތުން މައުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ބޭފުޅުން، މައުލޫމާތު ދެއްވާފައިވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު ކަމަށެވެ. އަދި މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައިވަނީ ވެސް ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތު ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާއި ބެހޭ ގޮތުން ބީއެމްއެލްގެ އިންޓަރނަލް އޮޑިޓުން ކުރިއަށް ގެންދިޔަ ތަހުގީގު ހިންގާފައިވަނީ އެ ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެން ކަމަށް ބީއެމްއެލްއިގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި 2016 އަހަރުގެ ނޮވެމްބަރުގެ މަހުގެ ތެރޭގައި "ޗެކް އިމޭޖިންގ އެންޑް ޓްރަންކޭޝަން" ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، އެ ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖަކީވެސް އެ ބޭންކުގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫން ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުން ކަމަށާއި އަދި އެ ޗެކްތަކުގެ ރެކޯޑްތައް ހުންނާނީވެސް އެ ބޭންކެއްގައި ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ބޭންކުގެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް ބީއެމްއެލްއިން އެހެން ބޭންކުތަކުގައި އެދިފައިވާ ކަމަށެވެ.
"މި ދެންނެވި ގޮތަށް ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް މިބޭންކުގެ ފަރާތުން މައުލޫމާތުދީފައިވަނިކޮށް، އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް މި ބޭންކުގެ ސަމާލުކަމަށް އައުމުން އިތުރަށް މިކަން މުތާލިއާކުރަން ވަނީ ފަށާފައެވެ. އަދި 21 ޖުލައި 2019 ގައި މި ބޭންކުން މަޖްލީހަށް ފޮނުވުނު ސީޓީގައި އެހެން ބޭންކުތަކުން މި ޗެކްތަކާ ގުޅޭ މައުލޫމާތު ލިބުމުން ދިރާސާކުރުމަށްފަހު އިތުރު ތަފްސީލް ފޯރުކޮށްދެވޭނެ ވާހަކަވެސް ވާނީ ދެންނެވިފައެވެ." ބީއެމްއެލްގެ ބަޔާނުގައިވެއެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ހާމަކުރެވިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ބީއެމްއެލްއިން މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖްލީހަށް ހުށަހެޅުނު ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތު ތަކެއް ހުރިކަމަށް ފާހަގަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އަދި މަޖްލީހަށް ފޮނުވި ސިޓީގައިވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެ ކަމަށް މި ބަޔާނުގައި ބީއެމްއެލްއިން ބުނެފައިވެއެވެ.
އެމްއެމްޕީއާރުސީ ގެ މައްސަލާގައި ތަހުގީގީ އިދާރާތަކަށް މިހާރުވެސް ބީއެމްއެލްއިން ވަރަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާނެ ކަމަށާއި އެ މައުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންސްފަރ ވެގެން ދިޔަ އެކައުންޓްތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތުވެސް ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެ ޗެކްތަކާ ގުޅޭ ގޮތުން މާލީ ނިޒާމުގެ ތެރެއިން ހިންގިފައިވާ އެފަދަ މުޢާމަލާތްތައް ތަހްގީގުކޮށް، އެމްއެމްޕީއާރުސީގެ މައްސަލަ އަވަސް މިނެއްގައި ނިންމައި، އެކަމުގެ ހަގީގަތް ހާމަވެގެން ދިއުމަކީ ބީއެމްއެލްއިން ވެސް އެދޭގޮތް ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ދަށުން ރައްޔިތުންގެ މަޖިލިހުން އަދާކުރައްވަމުން ގެންދެވާ މުހިންމު މަސްއޫލިއްޔަތުތަކުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަކީ ބީއެމްއެލްއިން ވެސް އިސްކަންދޭ ކަމެއް ކަމަށް އެ ބޭންކުގެ ބަޔާނުގައި ވަނީ ބުނެފައެވެ.