Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ބޮރިސް

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ހޮވިވަޑައިގަތުމާއެކު، އިނގިރޭސި ބޮޑުވަޒީރުކަމުގެ ރޭސް ބޮރިސް ޖޯންސަން ކާމިޔާބު ކުރައްވައިފިއެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ބޮރިސް އާއެކު ވާދަކުރެއްވީ އިނގިރޭސިވިލާތުގެ މިހާރުގެ ހާރިޖީ ވަޒީރު ޖެރެމީ ހަންޓްއެވެ.

ލީޑަރަކު ހޮވުމަށް މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި ބޮރިސް އަށް ވަނީ 92،153 ވޯޓު ލިބިވަޑައިގެންފައެވެ. ޖެރެމީ ހަންޓަށް ލިބިވަޑައިގެންނެވީ 46،656 މެމްބަރުންގެ ވޯޓެވެ.

އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމުގައި ވަގުތީ ގޮތުން މިހާރު ހުންނެވި ތެރީސާ މޭ ކަމަށްވާއިރު އިނގިރޭސި އާ ބޮޑުވަޒީރުކަމުގެ މަގާމާ ބޮރިސް ހަވާލުވެ ވަޑައިގަންނަވާނީ މާދަމާއެވެ.

ކާމިޔާބީއަށްފަހު ލަންޑަނުގައި ވާހަކަދައްކަވަމުން ބޮރިސް ވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ހަގީގަތަކަށް ހައްދަވާނެ ކަމަށާއި އަދި ގައުމު ވެސް އަލުން އެއްބައިވަންތަ ކުރުވާނެ ކަމަށެވެ. އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

އުމުރުން 55 އަހަރުގެ ބޮރިސް ވަނީ މީގެކުރިން އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ކަމާއި ލަންޑަނުގެ މޭޔަރުކަން ވެސް ކުރައްވާފައެވެ.