Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ޑީއާރްޕީގެ އަމާޒަކީ 2023ގައި ވެރިކަމަށް އައުން: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު --

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ އަމާޒަކަށް ވާނީ 2023ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އައުމުން ކަމަށް އެޕާޓީގެ ލީޑަރަކަށް މިރޭ ހަމަޖެއްސެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އަށް ޖާބިރު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އަބަދުވެސް އަމާޒަކަށް ވާންޖެހޭނީ ސިޔާސީ ގޮތުން އެޕާޓީއަކަށް ދެވޭ އެންމެ މަތީ މަގާމަކަށް ދިއުން ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޑީއާރްޕީ ފެންނާނީ ވަރަށް "އެކްޓިވް"ކޮށް ކަމަށެވެ. އަދި ވިދާޅުވީ ޑީއާރްޕީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށެވެ. އެގޮތުން އެޕާޓީގެ ރެޖިސްޓްރާގެ މަގާމަށް ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހަމަޖައްސާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަފުޅުގައި އެޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އަމާޒަކީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ޑީއާރްޕީ ހެއްދެވުން ކަމަށްވެސް ޑީއާރްޕީގައި މީގެކުރިންވެސް މަސައްކަތް ކުރި އަދި ޑީއާރްޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޖާބިރު "އައްޑޫލައިވް"އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖާބިރު އެކަނި މެންބަރެއްގެ ގޮތުގައި ހުންނެވިއަސް ވަރަށް އަވަހަށް ދެ މެންބަރަކު ޑީއާރްޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ވެސް ވަރަށް އަވަހަށް ޑީއާރްޕީ އަންނާނެ ކަމަށެވެ.

"ޕީޕީއެމް ޕީއެންސީ މިވަގުތު އޮތީ އިދިކޮޅުގައި. އެކަމަކު އެ ދެޕާޓީއަކަށް އިދިކޮޅުގެ ރޯލެއް އަދައެއް ނުކުރެވޭ. ދެން އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އެޕާޓީއަކަށްވެސް އިދިކޮޅުގެ ރޯލެއް އަދައެއް ނުކުރެވޭނެ އަނެއްކާ އެޕާޓީ އޮތީ ސަރުކާރު ކޯލިޝަންގައި. އެހެންވީމަ ޑީއާރްޕީ މި ނިކުންނަނީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި،" ޖާބިރު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނަކީ ކޮބައިތޯ އެހުމުން ޖާބިރު ވިދާޅުވީ މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް އަދި ޕީއެންސީއާ އެކުގައިވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީއޭއާ އެކުގައިވެސް ޑީއާރްޕީން ވާހަކަދައްކަމުން އަންނަ ކަމަށާއި ހުރިހާ ޕާޓީއެއްވެސް އޮތީ އެ މަސައްކަތް ޑީއާރްޕީއާ އެކުގައި ކުރުމަށް ތައްޔާރަށް ކަމަށެވެ.

"ހުރިހާ ޕާޓީއަކުން ވެސް އުޅެނީ ވަރަށް ޕޮޒިޓިވިކޮށް،" ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން އިންތިޚާބު ވެވަޑައިގެންނެވި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޑިއާރްޕީގެ މައްސަލަތަކެއް ކޯޓުގައި ހުރި ކަމަށްވާ ނަމަ ޝަރުއީ މަރުހަލާގެ ތެރެއިންނާއި އަދި ދެފަރާތް އެއްބަސްވެވޭ ގޮތެއްގެ މަތިން އެކަންކަން ހައްލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ޑީއާރްޕީއަކީ ރާއްޖޭގައި މީގެކުރިން އޮތް އިދިކޮޅު އެންމެ ވަރުގަދަ ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އެޕާޓީ އިދިކޮޅުގައި މަސައްކަތް ކުރިއިރު 17ވަނަ ރައްޔިތުން މަޖިލީހުގެ ގިނަ އަދަދެއްގެ ގޮނޑިތައްވެސް އޭރު އެޕާޓީން ނެގިއެވެ. ނަމަވެސް ޕާޓީގެ ލީޑަރޝިޕުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެން އެޕާޓީ ބައިބައިވެ ޒެޑް ޑީއާރްޕީގެ ނަމުގައި ފެކްޝަނެއް އުފެދިގެން ދިޔައެވެ. އޭގެފަހުން އެޕާޓީ ހިންގަން ފެށީ އަހްމަދު ތަސްމީނު އަލީއެވެ. އަދި ޖާބިރު އެޕާޓީއާ ގުޅިވަޑައިގަތުމާއި ހަމައަށް އެޕާޓީގެ ލީޑަރަކަށް ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ.