Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އިންޑިއާގެ ޖައްވީ އުޅަނދު ކާމިޔާބު ކަމާއި އެކު އުދުއްސާލުމުން މަރުހަބާ ކިޔައިފި

ޖަައްވީ އުޅަނދު ޗަންދްރަޔާން 2

ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާއިން ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދު ޗަންދްރަޔާން 2 އުދުއްސާލުމާއި ގުޅިގެން އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އުޅަނދު އުދުއްސާލުމުގެ ފަހަތުގައި ތިބި އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަންގެ ސައިންސްވެރިންގެ މަސައްކަތް ވެގެންދާނީ މިފަދަ ދިރާސާތަކަށް ލިބުނު އިތުުރު ކުރިއެރުމެއް ކަމަށެވެ. އަދި އިންޑިއާއިން ޖައްވީ ހޯދުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކަކީ ޖައްވީ ދިރާސާތައް އިތުުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ހަމައެއާއިއެކު މިކަމަކީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރު ކުރުވާނެ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނުގެ ސައިންޓިސްޓުންނާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިފަދަ ކަމެއް ކާމިޔާބުވުމަކީ ކުޑަ ކަމެއް ނޫންކަން މިނިސްޓަރުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ޝާހިދުގެ ޓްވީޓުގައި ވަނީ ޖައްވީ އުޅަނދު ޗަންދްރަޔާން 2 އުދުއްސާލުމާއި ގުޅުގެން އިންޑިއާގެ އެންމެހާ ރައްޔިތުންނަށްވެސް މަރުހަބާ ދަންނަވާފައެވެ.