Last Updated: April 25, 17:01
Thursday, April 25, 2024
ދުނިޔެ

ލަންކާގެ ހަމަލާތަކާ އައިއެސްއާ ގުޅުމެއް ނެތް: ސީއައިޑީ

މިދިޔަ އޭޕްރީލް މަހުގެ ތެރޭ ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކާ އައިއެސް ޖަމާއަތާ ގުޅުމެއް ނެތް ކަމަށް އެގައުމުގެ ސީއައިޑީން ބުނެފިއެވެ.

ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 250 މީހުން މަރުވިއިރު އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝެއްގައި ވާހަކަފުޅު ދައްކަވަމުން ލަންކާގެ ސީއައިޑީގެ އިސްވެރިޔާ ރަވީ ސީނީވިރާތޭ ވިދާޅުވީ ހަމަލާތައް ދިން މީހުންނަކީ ސީދާ ގޮތުން އައިއެސް ޖަމާއަތާ ގުޅުމެއް އޮތް ބައެއް ނޫން ކަމަށެވެ.

"އެމީހުންނަކީ އައިއެސްގެ ފިކުރަށް ތާއީދުކުރާ ބައެއް. ނަމަވެސް އެމީހުންނާއި އައިއެސް ޖަމާއަތާ އެއްވެސް ގުޅުމެއް އޮތްކަން ތަހުގީގަށް ހާމަވެފައެއް ނުވޭ" އޭނާ ވިދާޅުވިއެވެ.

ލަންކާގެ ސީއައިޑީގެ އިސްވެރިޔާ މިހެން ވިދާޅުވިއިރު ލަންކާ އަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ ބައިނަލްއަގުވާމީ ޑްރަގު ޑީލަރުން ކަމަށް އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ ހަމަލާ ދިނީ ޑްރަގާ ދެކޮޅަށް ލަންކާގެ ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށާއި ނަމަވެސް އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ސިރިސޭނާ ވިދާޅުވިއެވެ. ސިރިސޭނާ މިފަދަ ތުހުމަތެއް ކުރެއްވިއިރު ލަންކާގައި ޑްރަގު ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، މި ހަމަލާއާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި އެންމެން ވެސް ނިސްބަތް ވަނީ ލަންކާ އަށެވެ.