Last Updated: April 19, 20:49
Friday, April 19, 2024
ޚަބަރު

ރާއްޖެއިން މަސް އެކްސްޕޯޓު ކުރާ ތައިލެންޑުގައި މަހުގެ އަގު މަތިވެއްޖެ

ރާއްޖެއިން މަސް އެކްސްޕޯޓު ކުރާ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ތައިލެންޑުގެ ބާޒާރުގައި ރޯމަސް ގަންނަ އަގު މައްޗަށް ހިނގައްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ތައިލެންޑުގެ ބާޒާރުގައި ކަޅު ބިލަ މަސް ޓަނެއް ގަންނަމުން ގޮސްފައިވަނީ 15،420.00 ރުފިޔާއަށް ކަމަށެވެ. ނަމަވެސް މި މަހު ކަޅުބިލަ މަސް ޓަނެއް އަގު ވަނީ ތައި ބާޒާރުގައި 16،191.00 ރުފިޔާއަށް އުފުލިފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ އެއީ ގާތްގަނޑަކަށް 4.67 ޕަސެންޓުގެ މަތީ އަގެއް ކަމަށެވެ. ތައިލެންޑުގެ ބާޒާރުގައި މަހުގެ އަގު ކުޑަކޮށް ބޮޑުވި ނަމަވެސް މިދިޔަ މަހު، މަހުގެ އަގުތައް ވަނީ 20 ޕަސެންޓު ވެއްޓިފައި ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒްއިން ބުނީ ކަޅުބިލަ މަހުގެ އަގު ބޮޑުވި ނަމަވެސް، ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލީގެ އަގު ދުނިޔޭގެ ބާޒާރުގައި ހިފެހެއްޓިފައިވަ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް ސްޕެއިންގެ މާކެޓުތަކުގައި ހުރީ ކިލޯއެއް 297.05 ރުފިޔާއަށް ކަމަށާއި ނަމަވެސް މި ހަފުތާގައި ރީނދޫ އުރަހަ ކަންނެލީގެ އަގު 294.31 ރުފިޔާއަށް އަށް ވެއްޓިފައި ކަމަށްވެސް ފިޝަރީޒުން ބުންޏެވެ. ފިޝަރީޒުން ބުނީ ލޯ ބޮޑު ކަންނެލި ކިލޯއެއް ޖަޕާނުގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި މިދިޔަ ހަފުތާގައި 236.96 ރުފިޔާއަށް ހުރި ނަމަވެސް މިހާރު ލޯބޮޑު ކަންނެލި ގަންނަނީ 221.40 ރުފިޔާއަށް ކަމަށެވެ.

ކަނޑު މަހާއި ކަންނެލީގެ އަގަށް ދުނިޔޭގެ ބާޒާރުގައި ބަދަލު އައިނަމަވެސް ރާއްޖޭގެ ބާޒާރުގައި މި އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.