Last Updated: April 19, 06:56
Friday, April 19, 2024
ވިޔަފާރި

މިދިޔަ އަހަރަކީ ބީއެމްއެލް އަށް ފަހުރުވެރި އަހަރެއް: ސީއީއޯ

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ - ފޮޓޯ: ބީއެމްއެލް

މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފަޚުރުވެރިވާފަދަ ކާމިޔާބު އަހަރެއް ކަމަށް ބޭންކުގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ބޭންކުގެ ސީއީއޯ ޓިމް މިހެން ވިދާޅުވީ މިރޭ ބޭއްވުނު ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ،

މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމުގެ ކުރިން ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖުމްލަކޮށް 2017 ވަނަ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ.

މި ކާމިޔާބީއަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯގެ މަގާމާއި ދާދިފަހުން ހަވާލުވި ޓިމް ވިދާޅުވީ ބޭންކުގައި ވަރަށް ބުރަކޮށް އަދި އެހާމެ ހީވާގި ކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނާއެކު ހޯދާފައިވާ ކާމިޔާބު ދަމަހައްޓައި ބޭންކަށް އިތުރު ކާމިޔާބު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަދި ކުރިއަރާފައިވާ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް، އިންވެސްޓްމަންޓް ޕްރޮގްރާމްގެ ޒަރިއްޔާއިން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރާނަން." ޓިމް ވިދާޅުވިއެވެ.

މީގެއިތުރުން 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކުރިޔަށް ގެންދާނެކަމަށްވެސް ޓިމްވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން މިދިޔަ އަހަރުތެރޭ ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 110 ޕްރޮޖެކްޓެއް ހިންގާފައެވެ.