Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމް އަލިފުށްޓައް

ރ. އަލިފުށީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް އިން އަލިފުށީގައި ގާއިމް ކުރެވުނު މި ޚިދުމަތާއެކު ރ.އަތޮޅުގައި މިހާރު ދެ ބްރާންޗް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ދަނީ ދެވެމުންނެވެ. މީގެ އިތުރުން 2 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ދަނީ ބޭންކިންގ ޚިދުމަތް ދެމުންނެވެ.

އަދި މިދިޔަ އަަހަރު، ހުޅުދުއްފާރުގައި ބީއެމްއެލް ކޭޝް އޭޖެންޓް މެދުވެރިކޮށް ޖަމާކުރުމުގެ ޚިދުމަތްވެސް ވަނީ ތައާރަފު ކުރެވިފައެވެ. މި ޚިދުމަތާއެކު ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި، ލޯނަށް ފައިސާ ދެއްކުމުގެ އިތުރުން ދުވާލަކަށް 10،000 ރުފިޔާ ޖަމާކުރުމުގެ ކުރެވޭނެއެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މި ހުޅުވުނު ޒަމާނީ ސެލްފްސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް އަލިފުށީގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް." އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 46 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 108 އޭޓީއެމް، 5400 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.