Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

އަދީބު ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކުރީ އެ ކޯޓުގައި މިހާރު ކުރިއަށްދާ އަދީބުގެ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ކޯޓުގައި އެދުމާ ގުޅިގެންނެވެ.

މީގެކުރިން ހަމަ އެ މައްސަލައިގައި ސުޕްރީމް ކޯޓުން އޮތީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ވެސް ނެރެފައެވެ. ނަމަވެސް އެ އަމުރު އެގޮތަށް ނެރެފައިވަނިކޮށް ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަދީބު ހިފެހެއްޓުމަށްފަހު އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.

"މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ނުވަތަ ސުޕްރީމް ކޯޓުން އެހެން ގޮތަކަށް އަންގަންދެން އަދީބު ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަންގައި އަމުރުކުރަން" ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގައި އަދީބުއާ ގުޅޭގޮތުން މިހާރު ހިނގަމުންދަނީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައެވެ.

އަދީބުގެ މައްޗަށް އެ މައްސަލައިގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށްފަހު ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި ކަމަށާއި އަދި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ނިންމައި އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފައެވެ. އެހެންވެ ދައުލަތުން ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށެވެ.

މި މައްސަލައިގެ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަމުން އަދީބު ވިދާޅުވީ އޭނާ މިހާރު ވެސް ބަންދުގައި ހުންނެވުމުން ބަންދު ކުރުމަށް އިތުރު އަމުރެއް ނެރުމަކީ މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ފިލައިގެން ދާން މަސައްކަތް ކުރީ ފުރާނައަށް ނުރައްކާވާ އިންޒާރުތައް ލިބެމުންދިޔުމާ ގުޅިގެން ކަމަށްވެސް އަދީބު ވިދާޅުވިއެވެ.