Last Updated: April 18, 21:56
Thursday, April 18, 2024
ކުޅިވަރު

ދީމާއަށް އައްޑޫ ކައުންސިލުން މަރުހަބާ ކިޔައިފި

އައްޑޫގެ މޭޔަރު ދީމާ އަށް ހަނދާނީ ޓްރޮފީ ހަވާލުކޮށްދެނީ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް އައްޑޫ ސިޓީ ކައުންސިލުން މަރުހަބާ ކިޔައިފިއެވެ.

ދީމާ އަށް އައްޑޫ ކައުންސިލުން މަރުހަބާ ކިޔާފައިވަނީ އެ ކައުންސިލްގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައެވެ. މި ހަފްލާގައި އައްޑޫގެ ކައުންސިލަރުންގެ އިތުރުން އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާގައި ދީމާ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އައްޑޫ ކައުންސިލްގެ ފަރާތުން ވަނީ ދީމާއަށް ހަނދާނީ ޓްރޮފީއެއް ވެސް އަރުވާފައެވެ.

އުމުރުން 11 އަހަރުގެ ދީމާ އައްޑޫ އަށް އައިސްފައިވަނީ ޗުއްޓީ އަކަށެވެ.

ރާއްޖޭގެ އިތުރުން ލަންކާގެ ގިނަ މުބާރާތްތަކެއް ވެސް ކާމިޔާބުކޮށްފައިވާ ދީމާ އަކީ މިދިޔަ މެއި މަހު ސްވިޑެންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ މަގާމު ހޯދައި އެ މުބާރާތުގެ ތާރީހުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.

އަދި އެންމެފަހުން މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދީމާ ވަނީ ތިން ރަން މެޑަލް ހޯދާ ދިވެހި ކުޅިވަރުގެ ތާރީހުން ވެސް ޖާގަ ހޯދާފައެވެ. އެގޮތުން މި ކާމިޔާބީއާއެކު ދީމާ ވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ.

އައިއޯއައިޖީގައި ދީމާ ރަން މެޑަލް ހޯދީ ޓީޓީގެ ވިމެންސް ސިންގަލްސް އާއި ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމު އިވެންޓުންނެވެ.