Last Updated: April 18, 03:29
Thursday, April 18, 2024
ޚަބަރު

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހަޅައިފި

ޕީޖީ އައިޝަތު ބިޝާމް: - ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖެވެ.

ސިރާޖު ވިދާޅުވީ މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރަން މިހާރު އޮންނަނީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅާ، ލީޑަރުންނާއި އަދި ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ކަނޑައަޅައިގެން ކަމަށެވެ.

"ޕީޖީ އަށް އިތުބާރު ނުކުރެވޭތީ، ޕީޖީ ވަކިކުރަން ފެންނަ ކަމަށް އަޅުގަނޑު ވާނީ ޕާލަމެންޓްރީ ގްރޫޕަށް އެކަން ހުށަހަޅާފައި" ސިރާޖު ވިދާޅުވިއެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

19 ވަނަ މަޖިލިސް ފެށުނުފަހުން މިނިވަން ބައެއް މުއައްސަސާތަކުގައި ތިއްބެވި އިސްވެރިން ވަކިކުރަން ކޮމިޓީތަކުން ފާސްކޮށްފައިވާއިރު ޕީޖީ ބިޝާމް މަގާމުން ވަކި ނުކުރާތީ ބައެއް އާއްމުން އަންނަނީ ސޯޝަލް މީޑިޔާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.