Last Updated: April 20, 16:20
Saturday, April 20, 2024
ކުޅިވަރު

ބޮޑު މޮޅަކާއެކު ލިވަޕޫލް އިން ލީގު ފަށައިފި

ނޯވިޗް ސިޓީގެ މައްޗަށް 4-1 އިން ކުރި ހޯދާ، އިނގިރޭސި ޕްރިމިއާ ލީގުގެ ފެށުން ލިވަޕޫލް އިން ރަނގަޅުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތްވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ނޯވިޗްގެ ގްރާންޓް ހޭންލީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 18 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު މުހައްމަދު ސަލާހު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެން ޑައިކްއެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑިވޮކް އޮރީގީ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ހަތަރު ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު ދެވަނަ ހާފްގައި ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިވަޕޫލް އިން ތަނަވަސްކޮށްފައެވެ. އެގޮތުން ހެންޑަސަން އާއި ފަބީނީއޯ ފޮނުވާލި ހަމަލާއެއް ނޯވިޗްގެ ކީޕަރު ދިފާއުކުރިއިރު ފަމީނޯ އަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ޕްރިމިއާ ލީގަށް މިފަހަރު ޕްރޮމޯޓްވި ނޯވިޗްގެ ހަމައެކަނި ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕުއްކީއެވެ.

ބޮޑު މޮޅަކާއެކު ލިވަޕޫލް އިން ލީގު ފެށިއިރު ރޭގެ މެޗުން ލިވަޕޫލަށް ލިބުނު ހަމައެކަނި ނުތަނަވަސްކަމަކީ އެޓީމުގެ ގޯލްކީޕަރު އެލިސަން އަށް އަނިޔާވުމެވެ. އެގޮތުން އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް ލިވަޕޫލް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. ނޯވިޗް ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.