Last Updated: April 20, 17:10
Saturday, April 20, 2024
ދުނިޔެ

ނޯވޭގެ މިސްކިތަކަށް ބަޑީގެ ހަމަލާތަކެއް ދީފި

ނޯވޭގެ މިސްކިތަކަށް ބަޑީގެ ހަމަލާތަކެއް މިއަދު ދީފިއެވެ.

ނޯވޭގެ ފުލުހުން ބުނާގޮތުން މި ހަމަލާ ދީފައިވަނީ އެގައުމުގެ ވެރިރަށް އޮސްލޯ ކައިރީގައި އޮންނަ ބޭރަމް ކައުންޓީގައި ހުންނަ އަލް ނޫރް އިސްލާމިކް ސެންޓަރަށެވެ.

މި ހަމަލާ ދީފައިވަނީ ޒުވާން އުމުރުފުރައިގެ ފިރިހެނެއް ކަމަށްވާއިރު މިސްކިތުގެ ތެރެއަށް ވަދެ އޭނާ ދިން ބަޑީގެ ހަމަލާތަކުގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިސްކިތަށް ހަމަލާދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

"ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. މިކަމުގައި އިތުރު ބަޔަކު ޝާމިލުވެގެން އުޅޭ ކަމުގެ އިޝާރާތެއް އަދި ފެންނާކަށް ނެތް" ފުލުހުން ބުންޏެވެ.

ނޯވޭގެ މިސްކިތަކަށް މިއަދު ހަމަލާދީފައިވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ވެސް ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 51 މީހަކު ވަނީ މަރުވެފައެވެ.