Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން: އާޒިމް

ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވިއިރު އޭނާ ވަނީ މިއީ އެއްވެސް ހާލެއްގައި ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކަށް އިޝާރާތްކޮށް ބުނި އެއްޗެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އާޒިމް މިހެން ވިދާޅުވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭ ކޯޓުތަކުން ވަނީ ބިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ދިނުމަށް ހުކުމްކޮށްފައެވެ.

އޭގެތެރޭގައި ބިޒްނަސް އިމޭޖު ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހެދި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 348.10 މިލިއަން ރުފިޔާ އަދި ވިލާ ގްރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރޭވަލްސް (ޑަބްލިއުއެލްޓީ) އަށް 130 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ވަނީ މ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ހުކުމްކޮށްފައެވެ.