Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބޯކޮށް ވާރޭ ވެހި ނައިފަރުގެ ހަތަރު ގެއަކަށް ފެން ވަދެއްޖެ

ޅ.ނައިފަރަށް ރޭ ކުރި ވިއްސާރާގައި، އެ ރަށުގެ ހަތަރު ގެއަކަށް ފެެން ވަދެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ ކުރި ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފެން ވަދެފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެގޮތުން އެ ގެތަކުން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނައިފަރަށް ބޯކޮށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެފައިވާއިރު މޫސުމާ ބެހޭ އިދާރާ އިން ވަނީ މިއަދު މެންދުރު 12:00 އާއި ހަމައަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެލާޓް ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ހަމައަށެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ކަނޑު މަތީގެ ގިނަ ހާދިސާތަކެއް ފާއިތުވި ދެ ދުވަހު ވަނީ ހިނގާފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.