Last Updated: April 19, 11:00
Friday, April 19, 2024
ޚަބަރު

ސްނޯކްލިން އަށް ދިޔަ ދެމަފިރިޔަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅނަދެއް

އއ.މޫފުށިން ސްނޯކްލިން އަށް ދިޔަ ބޭރުގެ ދެމަފިރިޔަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 11:19 ހާއިރު ކަމަށެވެ. އެމީހުން ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމެއް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެއީ ކޮން ގައުމަކަށް ނިސްބަތްވާ ދެމަފިރިންކަން ހާމަކޮށްފައިނުވާއިރު، އެ ދެމީހުން ސްނޯކްލިން އަށް ފޭބީ އެރަށު ފަޅުތެރެއަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި އިތުރަށް ސަމާލުވާން އަންގާފައެވެ.