Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް އަހުން އަދުއްވުންނަކަށް ނުވާނެ: އަނީލް

ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ އަހުން އަދުއްވުންނަށް ބަދަލުވާ ކަމެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޝައިހް މުހައްމަދު ޝަހީމް އާއި އަދާލަތު ޕާޓީގެ ބައެއް ބޭފުޅުންނާ ދެމެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދުނުއިރު އިންތިހާބުގެ ތެރޭގައި ދެ ފަރާތުން ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލުކޮށްފައިވެއެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ޝަހީމް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށެވެ.

ނަމަވެސް މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން ޝަހީމް އާއި އަދާލަތު ޕާޓީގެ އިސްވެރިންނާއި ބައްދަލުވެ ވަނީ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށްފައެވެ.

އެ ބޭފުޅުން އެކުގައި ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިޔާގައި މިހާރު އާއްމުވެފައިވާއިރު ޝައިލް އަނީލު ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ އަހުން އަދުއްވުންނަށް ބަދަލުވާ ކަމެއް ނޫން ކަމަށާއި އިސްލާމީ ދައުވަތުގައި އުޅޭއިރު ނެގޭ އެފަދަ ސްޓޭންޑް ތަކަކީ އިސްލާމީ އުހުއްވަތްތެރި ކަމަށް ބުރޫއަރާ، ޒާތީ ކަމަކަށް ނުވާނެ ކަމަށެވެ.

"މި ހިލާފުތަކަށް ފުރުސަތު ނެތި، އިސްލާމީ ދައުވަތުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ" އަނީލް ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަމުގެ ތެރެއިން ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ބޭފުޅުން ބައްދަލުވެ އެކުވެރިކަން ވެސް އާލާވެގެން ގޮސްފައިވާއިރު ޝަހީމް ވެސް ވަނީ އެކަމާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން އެ ޕޯސްޓުގައި ޝަހީމް ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން ގިނަ އަދަދެއްގެ ރަހުމަތްތެރިންނާ ބައްދަލުވުން އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުން ޝަހީމް އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއިރު އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމެވެ.