Last Updated: April 19, 17:13
Friday, April 19, 2024
ޚަބަރު

ވިއްސާރައާ ގުޅިގެން ޞިއްޙަތަށް ރައްކާތެރިވާން އިލްތިމާސްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކޮށް އުޅޭއިރު އެޗްޕީއޭ އިން ވަނީ ސިއްހީ ގޮތުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހާމަކޮށްފައެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކަށް ކުޑަކުދިން ގާތް ނުކުުރުމަށާއި، ނަރުދަމާއާއި ޖަންކްޝަން ނުވަތަ ސެޕްޓިކް ޓޭންކް ފުރިގެން ބޭރުވެފައިވާނަމަ ސާފު ކުރުމުގެ ކުރިން ޕަބްލިކް ހެލްތު ޔުނިޓުގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.

އަދި ފެން ހިންދުމުގައާއި، ފެން ހިންދުމަށްފަހު ސާފު ކުރުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމަށް އަންގި އާއި މާސްކު ފަދަ ތަކެތި ބޭނުން ކުރުމަށާއި އަދި މަސައްކަތް ނިމުމުން އެތަކެތި ކޮތަޅެއްގައި ބަންދުކުރުމަށްފަހު ރައްކާތެރިކަމާއެކު އުކާލުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެއްވެސް ބޭހެއް ބޭނުންކުރާ ފަރާތެއްނަމަ، ފެނުގެ އަސަރު ނުކުރާނެ، ރައްކާތެރި ހިސާބެއްގައި ބޭސް ރައްކާ ކުރުމަށާއި، ފެންބޮޑުވެގެން އެއްވެސް ވަރަކަށް ކާބޯތަކެތީގައި ޖެހިއްޖެނަމަ އެފަދަ ތަކެތި ބޭނުން ނުކޮށް ރައްކާތެރިކަމާއެކު އުކާލުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ބުއިމަށާއި ކެއްކުމަށް އަދި ތަށި ދޮވުމަށް ވާރޭފެން، ފުޅީގައި ބަންދުކުރި ފެން ނުވަތަ ކެއްކި ފެން ބޭނުން ކުރުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.