Last Updated: April 19, 11:14
Friday, April 19, 2024
ދުނިޔެ

50 ކުށްވެރިއަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފި

ސައުދީ އަރަބިއްޔާގެ އެކި ޖަލުގައި ތިބި މީހުންގެ ތެރެއިން 50 މީހަކަށް ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދީފިއެވެ.

ސައުދީގެ ޖެނެރަލް ޑައިރެކްޓޮރޭޓް އޮފް ޕްރިޒަންސް އަލީ އަލް ހަރްމީ ވިދާޅުވީ އެ 50 މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ އެމީހުންގެ އާއިލާއާއެކު ކަމަށާއި މިއީ ޖަލުގައި ތިބޭ ކުށްވެރިން ރިހެބެލިޓޭޓް ކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދެވުނު ފުރުސަތެއް ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމުގައި އެމީހުން އެހެން މީހުންނާއި އެއްވެސް ވަރަކަށް ތަފާތު ނުކުރާ ކަމަށާއި ނަމަވެސް އެމީހުންނާއެކު ޖަލު އޮފިސަރުންނާއި ގާޑުން ހަރަކާތްތެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ޕްރޮގްރާމްގެ ދަށުން މިއަށް ވުރެ ވެސް ގިނަ އަދަދެއްގެ ކުށްވެރިންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ކުރިއަށް އޮތް އަހަރުތަކުގައި ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަރްމީ ވިދާޅުވިއެވެ.

ހައްޖަށްދިޔަ ގައިދީއަކު ބުނީ މިއީ އޭނާ ހައްޖުގެ އަޅުކަން އަދާކުރި ފުރަތަމަ ފަހަރު ކަމަށާއި މިފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ،

ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން ދެ މިލިއަނެއްހާ މީހުން ވަނީ މައްކާ އަށް މިފަހަރު ޖަމާވިއެވެ.