Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ކޯމާގައި އޮތް ހައްޖުވެރިޔާގެ ހާލަތަށް ބަދަލެއް ނާދޭ: މިނިސްޓްރީ

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ގޮސް ހުއްޓާ ސްޓްރޯކެއް ޖެހި ކޯމާއަކަށްދިޔަ ހައްޖުވެރިޔާގެ ހާލަތަށް އިތުރު ބަދަލެއް އަދިވެސް އައިސްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހާލު ސީރިއަސް ވެގެން ކޯމާއަކަށް ގޮސްފައިވަނީ ފ. ދަރަނބޫދޫ މުޝްތަރީގެ ސީމާ މޫސާ ،38، ކަމަށެވެ. އޭނާ އަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރު ހައްޖަށް ދިޔަ މީހެކެވެ.

އެ އަންހެން މީހާގެ ހާލު ސީރިއަސްވީ މިނާގެ ޓެންޓުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ކަމަށްވާއިރު އޭނާއަށް ފަރުވާ ދެމުން އަންނަނީ މިނާގެ “މިނާ އަލްވާދީ” ހޮސްޕިޓަލުގައެވެ.

"ބަލި މީހާގެ ހާލަތަށް އިތުރު ބަދަލެއް ނާދޭ" އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ލިބުނު ދެހާސް ކޯޓަގައި މީހުން ހައްޖަށް ދިޔައެވެ. އަދި މީގެ ތެރޭގައި މަލީޝާ ޖަމާއަތުން 1431ވަނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ޙީލަތުން ފައިސާ އަތުލިމީހުގެ ތެރެއިން 32 މީހަކު މިއަހަރު ސަރުކާރުން ވަނީ ހައްޖަށް ފޮނުވާފައެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނާއެކު ދީފައިވަނީ ފަސް ކުންފުންޏަކަށެވެ.