Last Updated: April 24, 16:37
Wednesday, April 24, 2024
ދުނިޔެ

ޗައިނާ އަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 49 އަށް

މިދިޔަ ހަފްތާގައި ޗައިނާ އަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 49 އަށް އަރައިފިއެވެ.

ތޫފާން "ލެކިމާ" ގެ ނަމުން ދީފައިވާ މި ތޫފާން މިދިޔަ ހޮނިހިރު ދުވަހު އަރާފައިވަނީ ޒިޖިއާންގް، ޝަންޑޮންގް އަދި އަންހުއި ޕްރޮވިންސަށެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ މި ތޫފާންގައި މަރުވި މީހުންގެ އަދަދު 49 އަށް އަރާފައިވާ ކަމަށާއި އަދި ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި މިލިއަނެއްހާ މީހުންނަށް ގެދޮރު ދޫކޮށްދާން މަޖުބޫރު ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ތޫފާނުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓުތަކާއި ރޭލު ދަތުރުތައް ކެންސަލްކޮށްފައިވާއިރު ޓޫރިސްޓުން އެންމެ ގިނައިން ޒިޔާރަތް ކުރާ ޝަންހާއީ ޑިސްނީލޭންޑް ފަދަ ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ.

ޗައިނާ އަށް މިފަހަރު އެރި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް 3.7 ބިލިއަން ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.