Last Updated: April 20, 18:41
Saturday, April 20, 2024
ދުނިޔެ

ހޮންކޮންގް އެއާޕޯޓުގެ ދަތުރުތައް އަލުން ފަށައިފި

ހޮންކޮންގް އެއާޕޯޓުގެ ދަތުރުތައް މިއަދު ވަނީ އަލުން ފަށާފައި - ފޮޓޯ: ގެޓީ އިމޭޖެސް

މުޒާހަރާތަކާ ގުޅިގެން ފާއިތުވި ދެ ދުވަހު ވެސް ދަތުރުތައް މެދުކަނޑާލާފައި އޮތް ހޮންކޮންގް އެއާޕޯޓުގެ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.

ދުނިޔޭގެ އަށްވަނަ އަށް އެންމެ ބާރުބޮޑު އެއާޕޯޓުގެ ދަތުރުތައް ފާއިތުވި ދެ ދުވަހު ވެސް ހުއްޓުމަކަށް އައިސްފައިވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް އެއާޕޯޓުގައި ކުރަމުން އަންނަ މުޒާހަރާތަށް ވަރުގަދަކޮށް ދަތުރުވެރިންނަށް ހުރަސް އެޅުމާ ގުޅިގެންނެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު 200 ވަރަކަށް ފްލައިޓު ކެންސަލް ކުރަން ޖެހުނުއިރު އިއްޔެ ވެސް ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ރޭގެ ވަގުތެއްގައި ހޮންކޮންގެ ފުލުހުން ވަނީ އެއާޕޯޓަށް އައިސް މުޒާހަރާގެ ބައިވެރިންނާއި ވަރުގަދަ ކުރިމަތިލުންތަކެއް ހިންގައި މުޒާހަރާގެ ބައިވެރިން އެއާޕޯޓުން ދުރަށް ފޮނުވާލާފައެވެ.

ހޮންކޮންގް އެއާޕޯޓުގެ ދަތުރުތައް އަލުން ފަށާފައިވާއިރު އެގައުމުގެ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެއާޕޯޓުގައި މުޒާހަރާގެ ބައިވެރިން ކުރި ކަންކަން ކުށްވެރިކޮށްފައެވެ. އަދި އެކަމުގައި ޝާމިލުވާ މީހުންނަށް ފުލުހުން ހޯދާނެ ކަމަށާއި އެ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހޮންކޮންގައި މުޒާހަރާތައް ކުރަމުން އަންނަނީ ކުށްވެރިން ޗައިނާއާ ހަވާލު ކުރަން ފާސްކުރަން އުޅުނު ބިލަކާ ގުޅިގެންނެވެ. މުޒާހަރާތައް ކުރިއަށްގެންދާތާ 10 ވަރަކަށް ހަފްތާ ވެފައިވާއިރު އެ ބިލުގެ މަސައްކަތް މިވަގުތު އޮތީ މަޑުޖައްސާލާފައެވެ.