Last Updated: April 24, 18:14
Wednesday, April 24, 2024
ކުޅިވަރު

އެއްވެސް މީހެއް ޓީމުގައި ހިމަނަން ކޯޗަށް މަޖުބޫރު ނުކުރާނަން: މަހުލޫފް

ޔޫތް މިނިސްޓަރު މަހުލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް - ފޮޓޯ: އެފްއޭއެމް

ވަކި މީހަކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ނަގަން އެފްއޭއެމް އަށް އަދި ގައުމީ ކޯޗު ޕީޓާ ސެގާޓް އަށް މަޖުބޫރު ނުކުރާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ޓީމުގެ ސްކޮޑުގައި އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހިމަނާފައި ނުވާއިރު މަހުލޫފް ރޭ ވަނީ ދަގަނޑޭ އަކީ ގައުމީ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ދަގަނޑޭ އަކީ މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކުޅުންތެރިޔާއެވެ..

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަގަނޑޭއާ ގުޅޭ ގޮތުން ފާޅުކުރީ އޭނާގެ އަމިއްލަ ހިޔާލެއް ކަމަށާއި އެފްއޭއެމް އަށް ހުށަހަޅާނީ ސަޕޯޓަރުންގެ އެދުމެއް ކަމަށެވެ. އަދި އެފްއޭއެމް އާއި ގައުމީ ކޯޗަށް ވެސް މަޖުބޫރުކޮށްގެން އެއްވެސް މީހެއް ޓީމުގައި ހިމަނަން މަސައްކަތް ނުކުރައްވާނެ ކަމަށްވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

"ޓީމު އެކުލަވާލުމުގެ ޒިންމާ އޮންނާނީ އެފްއޭއެމް އަދި ކޯޗު އަތުގައި" މަހުލޫފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވި ހިސާބުން ގައުމީ ކޯޗު ސެގާޓް ދަގަނޑޭ އަށް ގައުމީ ޓީމުން ޖާގަ ދީފައެއް ނުވެއެވެ.

ދަގަނޑޭގެ އިތުރުން މިދިޔަ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި ހަސަން ރާއިފް (ހަންނަ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ގައުމީ ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.

 

ކޯޗަށް މަޖުބޫރުކޮށްގެން އެއްވެސް މީހެއް ހިމަނަން މަސައްކަތް ނުކުރާނަން: މަހުލޫފް