Last Updated: April 18, 20:09
Thursday, April 18, 2024
ކުޅިވަރު

ޔުއެފާ އެވޯޑަށް މެސީ، ރޮނާލްޑޯ އަދި ވެންޑައިކް ވާދަކުރަނީ

ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ލިވަޕޫލުގެ ވާޖިލް ވެންޑައިކް ނޮމިނޭޓްވެއްޖެ އެވެ.

ފްރާންސްގެ މޮނާކޯގައި އޮގަސްޓް 29 ގައި އޮންނަ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ގުރުނެގުމުގެ ރަސްމިއްޔާތުގައި ހޮވާ މި އެވޯޑަށް ކުޅުންތެރިން ޝޯޓްލިސްޓްކުރީ 80 ކޯޗުންނާއި 55 ނޫސްވެރިންގެ ޕެނަލަކުންނެވެ.

މި އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަށް ބަލާއިރު މެސީ ވަނީ ބާސާ އާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށް 22 އެސިސްޓު ހަދާފައެވެ. ޔުވެންޓަސް އާއެކު ރޮނާލްޑޯ އިޓާލިއަން ލީގު ހޯދިއިރު އޭނާ ވަނީ 43 މެޗުގައި 28 ގޯލު ކާމިޔާބުކޮށް 10 އެސިސްޓު ހަދާފައެވެ.

އަދި ލިވަޕޫލް އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވެންޑައިކް ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލް އަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މި އެވޯޑު މިފަހަރު ގެންދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވެސް ވެންޑައިކްއެވެ.

ޔުއެފާ އިން 2011 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް މިހާތަނަށް އެންމެ ގިނައިން ހޯދި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ.