Last Updated: April 24, 23:11
Thursday, April 25, 2024
ކުޅިވަރު

ލީގުގެ ފުރަތަމަ މެޗުން ބާސާ ބަލިވެއްޖެ

ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ރޭ އެތްލެޓިކް ބިލްބާއޯ އަތުން 1-0 އިން ބާސެލޯނާ ބަލިވެއްޖެއެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައިނުވާއިރު، މިފަހަރުގެ ޓްރާންސްފާގައި އެޓީމަށް ގެނައި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ކުޅެފައިވެއެވެ.

ބިލްބާއޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ބިލްބާއޯގެ އިނާކީ ވިލިއަމްސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި އަނިޔާވެގެން ބާސާގެ ފޯވާޑް ސުއަރޭޒް ބަދަލުކުރިއިރު އޭނާގެ ބަދަލުގައި ކުޅެން އެރި ރަފީންޔާ ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދެވަނަ ހާފްގައި އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވިއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބިލްބާއޯ އަށް މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަރިޓްޒް އަޑޫރީޒްއެވެ. އުމުރުން 38 އަހަރުގެ އަޑޫރީޒް މި ގޯލު ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ.

ރޭގެ މެޗުން ބާސާ ބަލިވިއިރު މިއީ 2008 ވަނަ އަހަރަށްފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.