Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ދަގަނޑޭ އަށް ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ: އިމްރާން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައި ނުވުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދަގަނޑޭ އަކީ މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދި ކުޅުންތެރިޔާއެވެ.

ދަގަނޑޭ އާއެކު ގައުމީ ޓީމުގައި އަދި އެކި ކްލަބުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ އިމްރާން މިއަދު ބުނީ ގައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ކަމަށާއި ޒާތީ ވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ހުރިހާ ގެއްލުމެއް ވާނީ ދިވެހި ފުޓްބޯޅަ އަށްކަން އިމްރާން ފާހަގަކުރިއެވެ.

"އަޝްފާގް އަކީ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިއާ އަދި މިހާރު ވެސް މޮޅަށް ކުޅެމުންދަނީ. އެހެންކަމުން ގައުމީ ސްކޮޑުން އަޝްފާގަށް ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ. އުއްމީދަކީ އަޝްފާގް ގައުމީ ޖޯޒީގައި ކުޅޭތަން ފެނުން" އިމްރާން ބުންޏެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވި ހިސާބުން ގައުމީ ކޯޗު ޕީޓަ ސެގާޓް ދަގަނޑޭ އަށް ގައުމީ ޓީމުން ޖާގަ ދީފައެއް ނުވެއެވެ. އެގޮތުން އޭގެފަހުން ކުޅުނު ސާފް ސުޒުކީ ކަޕަށް ނެގި ގައުމީ ސްކޮޑުން ވެސް ދަގަނޑޭ އަށް ޖާގަ ދީފައެއް ނުވެއެވެ.

ދަގަނޑޭގެ އިތުރުން މިދިޔަ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި ހަސަން ރާއިފް (ހަންނަ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ގައުމީ ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.