Last Updated: March 29, 09:35
Friday, March 29, 2024
ކުޅިވަރު

މާނޭ އާއި ފަމީނޯގެ ގޯލުން ލިވަޕޫލް މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި މިރޭ ސައުތްހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ލިވަޕޫލް އިން ކާމިޔާބުކޮށްފިއެވެ.

ސައުތްހެމްޓަންގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސައުތްހެމްޓަން އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ޔޮޝީޑާ އާއި އެޑަމްސް ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެޑިރިއަން ވަނީ ދިފާއުކޮށްފައެވެ. މީގެއިތުރުން ރަޔަން ބާޓްރެންޑަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ލީޑު ނަގަން ލިބުނު ފުރުސަތުގެ ބޭނުން ސައުތްހެމްޓަން އަށް ނުހިފުނުއިރު، ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅުތެރޭ ސަޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ.

ލިވަޕޫލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު މުހައްމަދު ސަލާހު އަށް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްލަން މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 71 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި ސައުތްހެމްޓަން އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުރިން ލިވަޕޫލް އަށް ކުޅުނު ޑެނީ އިންގްސްއެވެ.

މިއީ ލިވަޕޫލް އިން ލީގުގައި ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުގައި އެޓީމުން ވަނީ ނޯވިޗް ސިޓީގެ މައްޗަށް 4-1 އިން ކުރި ހޯދާފައެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ އާސެނަލްއާއެވެ.