Last Updated: April 20, 10:49
Saturday, April 20, 2024
ޚަބަރު

މުސްއަބު ސަސްޕެންޑްކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މުސްއަބު -- ފޮޓޯ / ޕީއެސްއެމް

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްޓްރީ މުސްއަބު ޢަބްދުﷲ ވަކި ސަބަބެއް ނާންގާ ސަސްޕެންޑު ކުރުމަށްފަހު އެ ސަސްޕެންޝަން ތިންވަނަ ފަހަރަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީން) އިތުރު ކޮށްފައިވާތީ އެ މައްސަލަ މުސްއަބުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މުސްއަބް ސަސްޕެންޑް ކުރީ މިދިޔަ މެއި މަހުގެ 29ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑު ކޮށްފައިވަނީ އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލަތަކެއް ތަޙްޤީގުކުރަމުންދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ބުންޏެވެ. މުސްއަބު ސަސްޕެންޑު ކުރީ މުސާރަ ލިބޭ ގޮތަށެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މުސްއަބު ވިދާޅުވެފައި ވަނީ އޭނާއަށް މުސާރައާ އިނާޔަތް ނުލިބޭ ކަމަށެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މި މައްސަލައިގައި މުސްއަބު ފޮނުވި ސިޓީގައި އެދިވަޑައިގަތީ އޭނާއާ މެދު އަމަލުކުރަމުންދާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިކޮށް ސީއެސްސީ ޖަވާބުދާރީ ކޮށްދިނުމަށް އެދޭ ކަމަށެވެ. އޭނާއާ މެދު ފިޔަވަޅުތަކެއް އަޅަމުން ދަނީ ވަކި ބައެއްގެ ނުފޫޒާ ހެދި އިންސާފުން ބޭރުގައި ކަމަށް ވެސް އޭނާގެ ސިޓީގައި ވަނީ އެދިފައެވެ.

މިކަމުގައި މުސްއަބު ތުހުމަތު ކުރަނީ އޭނާ މަގާމުން ވަކިކުރަން އުޅެނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެއީ ޒިކުރާ މިސްކިތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލު އެކުލެވިގެންވާތީ އެކަމުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށްވެސް މުސްއަބު ވަނީ އެ ސިޓީގައި ވިދާޅުވެފައެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު އެސްޖޭ ކުންފުނީގެ އިސްވެރިއަކު މެސެޖަކުން ދީފައިވާ ކަމަށްވެސްވެއެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރެގެން މި ސަރުކާރުގެ ބަންޑާރަ ނައިބުގެ ލަފައާ އެކު އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.