Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ ތެދުވެރި ކަމެއް ނެތް: ޖަމީލް

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ ތެދުވެރި ކަމެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެހިވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ހިތްތަކަށް ތަސައްލީ ލިބޭ ކަމަށެވެ. ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ޑީލް ހަދައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ނުކޮށް ވަކި ބަޔަކަށް ދައުވާކުރުމުން އެނގެނީ އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ ތެދުވެރިކަން ނެތްކަން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވިއިރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއެކު އަދީބު ވަނީ އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގައި އަދީބު ވަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވީ ކަމާއި އެ ފައިސާ ލޯންޑަކުރުމުގެ ކުށާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް އިގުރާރުވެފަ އެވެ. އަދި ހެކިތައް ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

އެފަދަ އެއްބަސްވުމެއް ހަދާފައިވަނިކޮށް ފިލައިގެން ޓަގު ބޯޓެއްގައި އިންޑިޔާ އަށް އެތެރެވާން އުޅުނު ހިސާބުން އަދީބު އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ އެކި މައްސަލަތަކުގައި އަދީބު ޖަލަށްލާން މީގެކުރިން ހުކުމް ކޮށްފައިވީ ނަމަވެސް ކޯޓުތަކުން މިހާރު ވަނީ އޭނާގެ މައްޗަށް އިއްވި ހުރިހާ ހުކުމެއް ބާތިލުކޮށް އަލުން ބައެއް މައްސަލަތައް ބެލުމަށް އަމުރުކޮށްފައެވެ.