Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

އައިޔޫއެމްގެ ޗާންސެލަރަކަށް ޑރ.ޒާހިރު، އެމްއެންޔޫ އަށް ޑރ.ހަސަން

ދެ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުން - ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ.މުހައްމަދު ޒާހިރު ހުސެއިން އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ.ހަސަން ހަމީދު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް މިއަދު އައްޔަނު ކުރެއްވި ޑރ. ޒާހިރު އަކީ މީގެ ކުރިންވެސް އެ ޔުނިވަރސިޓީގެ ޗާންސެލަރ ކަމާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޒާހިރު އަކީ އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމާއި ރައީސް އޮފީހުގެ ވަޒީރުކަމުގެ އިތުރުން ދައުލަތުގެ އެކިއެކި އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ. ޒާހިރު އެންމެފަހުން އަދާކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރުކަމުގެ މަޤާމެވެ.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް މިއަދު އައްޔަން ކުރެއްވި ޑރ. ޙަސަން މީގެ ކުރިން އަދާކުރައްވާފައިވާ މަޤާމު ތަކުގެތެރޭގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުގެ މަޤާމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރގެ މަޤާމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ.