Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ރައީސްއާ ދެކޮޅަށް ހުށަހެޅި ލިޔެކިއުންތައް ސައްހަތޯ ބަލަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ބޭންކް އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ލިއުންތައް ސައްހަތޯ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

ބައެއް މީޑިއާތަކުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވީ ނަމަވެސް އެ މައްސަލަ ބަލަމުން އަދި ނުދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅީ އާއްމު ފަރާތަކުންނެވެ. އެފަރާތުން މައްސަލަ ހުށަހެޅުމުން އޭސީސީން ވަނީ މައްސަލަ ހުށަހެޅި ފަރާތަށް އެ މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާ ކަމާއި މައްސަލައިގެ އިތުރު މައުލޫމާތުތައް ހޯދުމަށް އެދޭ ކަމަށްވާ ނަމަ އެ ކޮމިޝަނަށް އެސްއެމްއެސް ކުރުމަށް އެދިފައެވެ. އަދި މައްސަލަ ހުށަހެޅި ފަރާތަށް ދެވަނައަށް ކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީން ނިންމާފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން އަދި ނުނިންމާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުމުން ހުށަހަޅާފައިވާ ލިޔެކިއުންތަކަކީ ސައްހަ ލިޔެކިއުންތަކެއްތޯ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި އެއީ އެ ކޮމިޝަނަށް ކޮންމެ މައްސަލައެއް ހުށަހެޅުނު ކަމުގައިވިއަސް އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ތަހުގީގު ކުރަމުން ދަނީ ރައީސް ޞާލިޙުގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ރުފިޔާ) ޖަމާވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. މީގެކުރިން މި ވާހަކަތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އޭރު ސޯޝަލް މީޑިއާ ދެކެވެމުން ދިޔައީ އެ ފައިސާއަކީ އިންޑިޔާގެ ކުންފުޏެއް ކަމަށްވާ އަދާނީ އެކްސްޕޯޓުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއެއް ކަމަށެވެ. އަދި އެފައިސާ ރައީސް ސާލިހުގެ މެލޭޝިއާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށްވެސްވެއެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނާތީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް މީގެކުރިން ވިދާޅުވެފައި ވަނީ މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށެވެ. އަދި އެ ވާހަކަތައް ހަސަން ވަނީ ދޮގު ކުރައްވާފައެވެ.