Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ސްވިޒަލެންޑުގައި އިޝްތިހާރު ކުރަނީ

"ޖާނީ ޓު ދަ ސަނީ ސައިޑް" މިފަހަރު ސްވިޒަލެންޑުގައި---

ރާއްޖޭގެ ފަތުރުވެރިކަން ސްވިޒަލެންޑުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީ އިން ކުރިއަށް ގެންދާ ރޯޑް ޝޯ "ޖާނީ ޓު ދަ ސަނީ ސައިޑް" މިފައަހަރުވެސް ސްވިޒަލެންޑުގައި ފަށައިފި އެވެ.

މި ރޯޑް ޝޯ ކުރިއަށް ދަނީ ސްވިޓްޒަލެންޑުގެ ބާސެލް އާއި ޒިއުރިކް އަދި ޖެނީވާގަ އެވެ. މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހަ ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ. މި ރޯޑް ޝޯ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، ރޯޑް ޝޯގައި ރާއްޖޭގެ ފަރާތުން ޖެނީވާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާލާ ހަމީދު ބައިވެރިވެވަޑައިގެންފައިވެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ސިޓީއަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ޗުއްޓީތައް ސްޕޮންސާކޮށްފައި ވަނީ ލަކްސް ނޯތު މާލެ އެޓޯލް އާއި ލަކްސް ސައުތު އަރި އެޓޯލްގެ އިތުރުން ޔޫ އެންޑް މީ ބައި ކޮކޫންނެވެ.

ސްވިޓްޒަލެންޑުގެ ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ މި ރޯޑް ޝޯއަކީ ސްވިޓްޒަލެންޑުގައި ޖެހިޖެހިގެން ބާއްވާ ފަސްވަނަ ރޯޑް ޝޯ އެވެ.