Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޑީއާރްޕީން ޓީވީ ޗެނަލެއް އުފައްދަނީ

ޑީއާރްޕީގެ ނޫސްވެރިންގެ ބައްދަލުވުމެއް --

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީން) ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީން ބުނެފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޑީއާރްޕީގެ ލީޑަރުކަމާއި ހަވާލުވެވަޑައިގަތް ފަހުން އެޕާޓީން އަންނަނީ ޑީއާރްޕީ އައު ޒަމާނަކަށް ގެނައުމުގެ ނަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕާޓީއަށް މެންބަރުން އިތުރު ކުރުމާއި 2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް އެޕާޓީގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

ޑީއާރްޕީގެ ރަސްމީ ޓްވީޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ އެއްވެސް ފަރާތަކަށް ނުޖެހި ހަމަހަމަ ކަމާއި އެކު ކުރިއަށް ގެންދާ ހަބަރު ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ޑީއާރްޕީގެ ލީޑަރުގެ އިސް ނެގުމުގެ މަތިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ޑީއާރްޕީން ބުނެއެވެ.

ޑީއާރްޕީން ބުނީ އެ ޗެނަލުގެ ސަބަބުން އެޕާޓީގެ އާއްމު މެންބަރުންގެ ވާހަކަތައް ހިއްސާ ކުރެވޭނެ ކަމަށާއި އަދި ޕާޓީގެ ހަރަކާތްތައްވެސް ދިވެހި ރައްޔިތުންނަށް ހިއްސާ ކުރެވިގެން ދާނެ ކަމަށެވެ.

ޑީއާރްޕީގެ ރަޖިސްޓްރާ އަބްދުﷲ ރިފާއު "އައްޑޫލައިވް"އަށް ވިދާޅުވީ ޓީވީ ޗެނަލްއަ ގުޅޭ ގޮތުން މިވަގުތު އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ.