Last Updated: April 20, 13:23
Saturday, April 20, 2024
ޚަބަރު

ބަގީޗާގެ ނަން ބަދަލު ކުރިޔަސް ޔާމީންގެ ތަރައްގީ ނުފޮހެވޭނެ: މުއިއްޒު

ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ރައްޔިތުންގެ ހިތުން ނުފޮހެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްރަނި ބަގީޗާ ހުޅުވިތާ ދެއަހަރުވުމާއި ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަގީޗާ ހުޅުވުނުތާ ދެ އަހަރު ވުމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންނާ އާއިލާ ތަކަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

"ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރިއަސް ރައީސް ޔާމީންގެ ތަރައްގީ ރައްޔިތުންގެ ހިތްތަކުން ނުފޮހެވޭނެ" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާ އެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކުރީ ސަލްޓަން ޕާކަށެވެ. ރަސްރަނި ބަގީޗާގެ ނަމަށް ސަލްޓަން ޕާކު ބަދަލުކުރީ 2017ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި ސަލްޓަން ޕާކަށް 50 އަހަރު ފުރުނު އިރު އެވެ.

ނަމަވެސް ދާދިފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ އެތަނުން ނަން އަލުން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކޮށްފައެވެ.