Last Updated: April 25, 17:48
Thursday, April 25, 2024
ޚަބަރު

ސަރުކާރު ބަލިކަށި ވަމުން އަންނަތަން އެބަފެނޭ: ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

މި ސަރުކާރު ބަލިކަށި ވަމުން އަންނަތަން ފެންނަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ކުރިއަށް ވުރެ ރަނގަޅު ވެރިކަމެއް ކުރުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް ވެރިކަމަށް އަހަރެއް ވެގެންދާއިރު ވެސް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ.

އޭގެ ސަބަބުން ރާއްޖޭގެ ހުރިހާ ތަނެއްގައި ވެސް މިއަދު އޮތީ މާޔޫސްކަން ކަމަށާއި އިގްތިސާދީ ގޮތުން ވެސް ހީނުކުރާ ވަރުގެ ހީނަރުކަން ހުރިހާ ހިސާބަކަށް އަތުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވާ ކަހަލަ ވެރިކަމެއް ނުކުރެވި ގިނަ ދުވަސްތަކެއް ވާތީ ރައްޔިތުން ވަރަށް ބޮޑަށް މިހާރު އެތިބީ މާޔޫސްވެފައި. އަދި ސަރުކާރު އެއް ދުވަހުން އަނެއް ދުވަހަށް ބަލިކަށި ވަމުން އަންނަތަން އެބަ ފެނޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރާއި ގުޅުމެއް ނެތްކަން ވެސް ހާމަވަމުންދާ ކަމަށާއި އެގޮތުން އެމްޑީޕީ މެމްބަރުން ހުށަހަޅާ ގަރާރުތަކާއި ސަރުކާރުން ހުށަހަޅާ ބިލްތަކާއި ވެސް ދިމާނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަން އެގޮތަށް ވުމުން މަންޒަރު ރީތި ކުރުމަށް ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އަދުލު އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ރައްޔިތުން މި ސަރުކާރަށް ފުރުސަތު ދިނުމުން އެކަން ވެސް ރައްޔިތުން އުއްމީދުކުރި ބާރުމިނުގައި ކުރިއަށް ނުދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.