Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

މެންބަރުންގެ ކޮއްތަށް ކޮންމެ ދުވަހަކު 14 ހާސް ރުފިޔާ ހަރަދުކުރޭ!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް ޖަލްސާ އޮންނަ ކޮންމެ ދުވަހަކު 14 ވަރަކަށް ހާސް ރުފިޔާ ހަރަދުކުރާކަން ހާމަވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ތެރެއިން މަޖިލިސް މެންބަރުންގެ ކޮއްތަށް ހޭދަވާ ހަރަދު ސާފުކޮށްދިނުމަށް އެދިވަޑައިގެން މީހަކު މަޖިލީހުުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ކޮންމެ މެމްބަރެއްގެ ކޮއްތަށް 159.88 ރުފިޔާ ހަރަދުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މެމްބަރުންގެ ކޮއްތަށް 13909.56 ރުފިޔާ ހަރަދު ކުރެއެވެ. މަޖިލީހުގެ ޖަލްސާތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

"އަޅުގަނޑު ހިތުން ތިބޭފުޅުންގެ އެތިކޮޅެއް އެބަ އަރުވަން ކަންނޭނގެ މިތަނުގެ މުވައްޒަފުންނަށް ވެސް. އެހެންވީމަ ތިބޭފުޅުންގެ 159 ރުފިޔާ 88 ލާރީގެ އިތުރުން އެ މިންވަރަކަށް ކޮއްތެއް ތިބޭފުޅުންނަކަށް ހަގީގަތުގައި ލިބިވަޑައެއް ނުގަންނަވާ. އޭގެން ކުޑަ މިންވަރެއް ތިބޭފުޅުންނަށް މަދުވެފައި ލިބެމުން މި އަންނަނީ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ކޮއްތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކަށް ފެންނަނަމަ އެކަމަށް ވެސް މަޖިލީހުގެ ތެރެއިން ހައްލު ހޯދި ދާނެ ކަމަށެވެ.

މެމްބަރުންގެ ކޮއްތަށް ހަރަދުކުރާ މިންވަރު މަޖިލީހުގެ ރައީސް މިއަދު ހާމަކުރެއްވިއިރު، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ބޮޑު މުސާރައެއް ލިބޭ މަޖިލީހުގެ މެމްބަރުންގެ ކޮއްތުގެ ކަންކަން މަޖިލީހުގެ އިދާރާ އިން ހަމަޖެއްސުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.