Last Updated: March 28, 14:17
Thursday, March 28, 2024
ވިޔަފާރި

ރާއްޖެ އަށް އެއް މިލިއަން ފަތުރުވެރިން އަތުވެއްޖެ

މޯލްޑިވިއަންގެ އެއަބަސް ބޯޓުގައި ފަތުރުވެރިން ގަމަށް ފައިބަނީ. އައްޑޫލައިވް ފައިލް ފޮޓޯ: ޝަރަފް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށާއި މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓު ނޮވެމްބަރު 17 ގެ ނިޔަލަށް ހާސިލް ކުރުމުގެ އުއްމީދު ވެސް ބޮޑުވެފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެ އަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިއީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 17.2 ޕަސެންޓްގެ ކުރިއެރުމެކެވެ.

މީގެއިތުރުން މިދިޔަ މަހުގެ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އަށް ޕަސެންޓް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް 132،144 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.

ޖުލައިމަހުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން ޒިިޔާރަތްކޮށްފައި ވަނީ، ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 172،834 ފަތުރު ވެރިން ޒިޔާރަތްކޮށްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އިންޑިއާއިން 93،175 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.