Last Updated: April 20, 09:14
Saturday, April 20, 2024
ޚަބަރު

ތިން ކައުންސިލަކަށް ހޯމް މިނިސްޓްރީން މާލީ އެހީ ދީފި

ތ.އޮމަދޫއާއި، ދިޔަމިގިލީގެ އިތުރުން ޅ.ކުރެންދޫގައި މަޝްރޫޢެއް ހިންގުމަށް ފައިސާގެ އެހީދިނުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީން ތިން ކައުންސިލާއެކު ސޮއިކޮށްފިއެވެ.

ކުރެންދޫއާއެކު ހޯމް މިނިސްޓްރީން ސޮއިކުރީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށް އެހީދިނުމުގެ އެއްބަސްވުމުގައެވެ. މިއެއްބަސްވުމުގެ ދަށުން ހޯމް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިންލައްކަ ރުފިޔާ) އެވެ. ކުރެންދޫ ކައުންސިލްގެ ފަރާތުން މިމަޝްރޫއަށް 320،000.00 (ތިންލައްކަ ވިހިހާސް ރުފިޔާ) ޚަރަދުކުރާނެއެވެ.

އޮމަދޫ ކައުންސިލަށް ފައިސާގެ އެހީދިނުމަށް އެއްބަސްވުމުގައި ސޮއިކުރީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށެވެ. މިމަޝްރޫއަށް ހޯމް މިނިސްޓްރީގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 (ތިންލައްކަ ރުފިޔާ) އެވެ. އޮމަދޫ ކައުންސިލުން މިމަޝްރޫޢަށް 200،000.00 (ދެލައްކަ ރުފިޔާ) ޚަރަދުކުރާނެއެވެ.

އަދި ދިޔަމިގިލި ކައުންސިލާއެކު އެހީދިނުމަށް ސޮއިކުރީ އެރަށުގައި މަގުބައްތި ޖެހުމަށެވެ. މިމަޝްރޫއަށް ހޯމް މިނިސްޓްރީން ދޭނީ 300،000.00 (ތިންލައްކަ ރުފިޔާ) އެވެ. ދިޔަމިގިލި ކައުންސިލުން މިމަޝްރޫޢަށް 151،550.00 (އެއްލައްކަ ފަންސާސް އެއްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) ޚަރަދުކުރާނެއެވެ.

ހޯމް މިނިސްޓްރީން ބުނީ މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަކަށް ކަމަށެވެ.

ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.