Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޖޭއެސްސީގެ މެމްބަރަކަށް ވެވޭ އެންމެ ދަށް އުމުރު 30 އަށް ހަދައިފި

ޖޭއެސްސީގެ ބައެއް މެމްބަރުން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް ވެވޭ އެންމެ ދަށް އުމުރު 30 އަށް ހަދަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

މީގެކުރިން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ޖޭއެސްސީގެ މެންބަރަކަށް ވެވޭ އުމުރަކީ 40 އަހަރަށް ހެދުމަށް ނިންމާފައެވެ. ނަމަވެސް ޖޭއެސްސީގެ މެންބަރަކަށް ވެވޭ އުމުރު 40 އަހަރަށް ހެދުމަށް ނުފެންނަ ކަމަށް ބާ ކައުންސިލްގެ މެމްބަރުން ވަނީ ބުނެފައެވެ.

އެއާއެކު ޖުޑީޝަރީ ކޮމީޓީން ފަހުން ވަނީ ޖޭއެސްސީގެ މެންބަރަކަށް ވެވޭ އުމުރު 30 އަހަރަށް ދަށްކުރަން ފާސްކޮށްފައެވެ. އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ 62 މެމްބަރުންގެ ވޯޓާއެކުއެވެ.

މީގެއިތުރުން ބަންޑާރަ ނައިބު ފިޔަވައި ޖޭއެސްސީގެ މެންބަރުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށާއި، ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފެއްދުމަށް ވެސް ވަނީ ފާސްކޮށްފައެވެ. ޑީޖޭއޭ މިހާރު ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.