Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޑީޑީ ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީ -- ފޮޓޯ / އައްޑޫލައިވް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޑީޑީ ސަސްޕެންޑްކުރި މައްސަލާގައި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް އެ ކޯޓުގައި ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:15 ގައެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން މިދިޔަ ޖޫން މަހުގެތެރޭ ނިންމާފައި ވަނިކޮށް އެ ނިންމުން ބާތިލްކުރަން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ސުޕްރީމް ކޯޓުން އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް ޖޭއެސްސީން ވަނީ ޑީޑީއާ ދެކޮޅަށް ނިންމި ނިންމުން ދަމަހައްޓައި، ޑީޑީގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައެވެ.

ދީދީގެ މައްސަލަ ބަލާ ތަހުގީގު ކޮމިޓީން އާއްމުކޮށް ހުޅުވާލައިގެން މިދިޔަ ޖޫން މަހުގެ ތެރޭގައި ބޭއްވި އަޑުއެހުމުގައި ވަނީ ފުލުހުން އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ހާމަކޮށް ޖޭއެސްސީ އަށް ފޮނުވާފައިވާ ސިޓީއެއް ވަނީ އިއްވާފައެވެ.

ދީދީގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރާއްޖޭގެ ތާރީޚްގައި ހިންގާފައިވާ އެންމެ ބޮޑު އެއް ވައްކަން ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނަންގަވާފައި ވުމާއި، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު މަންފާ ހޯއްދަވާފައިވާ ކަމުގެ ތުހުމަތެވެ.

މީގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ވެސް ފަނޑިޔާރަށް ފުލުހުން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ކުރާ ތުހުމަތުތަކަށް ފަނޑިޔާރު ޢަބްދުﷲ ދީދީ ވަނީ އިންކާރު ކުރައްވާފައެވެ.

ޑީޑީގެ ސުލޫކީ މައްސަލަ ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ބަލަމުންދަނިކޮށް އޭނާ ވަނީ މިދިޔަ މަހުގެ ކުރީކޮޅު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައެވެ.