Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް ގެންނަނީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: ގޫގުލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރިވިސަސް ކޮމިޝަންގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުންތަކެއް އައްޔަން ކުރަން ޖޭއެސްސީގެ ލަފަޔަކަށް އެދުނު ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގައި މިވަގުތު ފަސް ފަނޑިޔާރުން ތިއްބެވި ނަމަވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި އެ އިސްލާހު ރައީސް ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް 2014 ވަނަ އަހަރު ބެންޗުގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފައެވެ. އެގޮތަށް ބަދަލު ގެނައީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

އެ އިސްލާހާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.