Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ގާޒީ ކަމަށް އަންހެނުން އައްޔަން ކުރުން އިސްލާމީ ޝަރީއަތާ ހިލާފު: ޒައިދު

ޝެއިޚް އަލީ ޒައިދު

ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި އަންހެނުން ގާޒީ ކަމަށް އަންހެނުން އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާއި އެ ޝަރީއަތުގެ އުސޫލުުތަކާއި ހިލާފު ކަމެއް ކަމަށްް އައްޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ގައުމެއްގެ އެންމެ މަތީ ކޯޓަށް އަދި ވަކިން ހާއްސަކޮށް ޖިނާއީ މައްސަލަތައް ބެލުމަށް އަންހެން ކަނބަލުން ގާޒީންގެ ގޮތުގައި އައްޔަން ކުރުމަކީ ގުރުއާނާއި ހަދީޘްއާ ހިލާފު ބޮޑު މުންކަރާތެއް ކަމަށެވެ. އަލީ ޒައިދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިން އެގޮތަށް ފަތުވާ ދެއްވާފައިވާ ކަމަށެވެ.

އަލީ ޒައިދު މިފަދައިން ޓްވީޓު ކުރެއްވިއިރު އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު ވަނީ އެ ނިންމުމަށް މަރުހަބާ ދަންނަވާ އުފާ ފާޅު ކުރައްވާފައެވެ.

ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ތާރީޚީ ދުވަހެއް ކަމަށާއި އަންހެނުންނަށް ހުޅުވިގެން މިދަނީ ފަހި ފުރުޞަތެއް ކަމަށެވެ.

"ދިވެހި އަންހެނުން ނުކުންނަވާ! ކެރިގެން ނުކުންނަވާ! ނިންމުންތައް ނިންމާ ފެންވަރުގެ މަޤާމުތަކަށް ކުރިމަތިލައްވާ. އަޅުގަނޑުމެން ފަހަތުގައި އެބަ ތިބީން" ޝިދާތާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ލަފަޔަކަށް އެދިލައްވާފައެވެ. އެގޮތުން އައްޔަން ކުރެއްވުމަށް ނިންމާފައިވަނީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަންފުޅެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުންތަކެއް ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.