Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

2023 ގައި އެނބުރި ވެރިކަމަށް އަންނާނަން: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެނބުރި ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ލިބެމުންދިޔަ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އާސަންދައިގެ ހިދުމަތުގެ ފެންވަރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާ ކަމަށެވެ.

އަދި ކުނި މެނޭޖް ކުރުންފަދަ ކަންކަން ވެސް ރަށްރަށުގައި އެންމެ ރަނގަޅަށް ކުރިއަށްނުދާ ކަމަށާއި މިފަދަ ކަންކަން ދިމާވަމުން އަންނަނީ ސަރުކާރު ބަލިކަށިވުމުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި މި ކަންކަމުގެ ކަންބޮޑުވުންތައް ސަރުކާރާއެކު ހިއްސާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ 2023 ގައި ސަރުކާރަށް އަންނާނަން. އެންސްޕާގެ ހިދުމަތްތައް ކުރިން އޮތް ވަރަށް ނުވަތަ އެއަށް ވުރެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދޭނަން" ޝަރީފް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައީ މަތި ތައުލީމަށް ވަރަށް ގިނަ ބަޔަކު ފެންބޮވައިގެންފައި ތިއްބާ ކަމަށާއި ނަމަވެސް މަތީ ތައުލީމުގެ ފުރުސަތުތައް ނުލިބި އެ ފަރާތްތައް ވެސް މާޔޫސްވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެރިކަމަށް އައިސް މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އާދަމް ޝަރީފް ވަނީ މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ވެސް އެ ފަރާތްތަކާއި ގުޅުމަށް ވެސް ދައުވަތު އަރުވާފައެވެ.