Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ގައުމީ ހިދުމަތުގައި ބަލަންވީ ގާބިލުު ކަމަށް، ވަކި ޖިންސަކަށް ނޫން: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު - ފޮޓޯ: ޕީއެސްއެމް

ގައުމީ ހިދުމަތުގައި ބަލަންވީ ގާބިލް ކަމަށް ކަމަށާއި ވަކި ޖިންސަކަށް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދެ އަންހެން ބޭފުޅުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ. އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުންތަކެއް ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.

އެކަމާއި ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރަން ރައީސް ސޯލިހަށް އިލްތިމާސް ކުރަމުންނެވެ.

އެކަމުގެ ބަހުސް ބޮޑުވެފައިވާއިރު ޖަމީލް މިއަދު ވިދާޅުވީ ފަނޑިޔާރުންގެ ގޮތުގައި މިހާރު ވެސް އަންހެން ކަނބަލުން އެބަތިއްބެވި ކަމަށާއި 11 ޖުލައި 2007 ގައި، ރައީސް މައުމޫންގެ ޒަޢާމަތުގައި އެ ނިންމުން ނިންމައި އެ ބަހުސް ވެސް ނިންމާފައިވާ ކަމަށެވެ.

"ގައުމީ ޚިދުމަތުގައި ބަލަންވީ ގާބިލްކަމާއި ނަޒާހާތްތެރިކަމަށް، ވަކި ޖިންސަކަށް ނޫން" ޖަމީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހު ފޮނުއްވި ދެ ނަންފުޅު ޖޭއެސްސީން މިއަދު ބަލައިގެންފައިވާއިރު، އެ މައްސަލައާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމުމަށް އެ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސުޕްރީމް ކޯޓުގައި މިވަގުތު ފަސް ފަނޑިޔާރުން ތިއްބެވި ނަމަވެސް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި އެ އިސްލާހު ރައީސް ސޯލިހު ވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.