Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮމަންވެލްތުގެ ޓީމެއް ރާއްޖެ ވަޑައިގެންފި

މީގެކުރިން ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތުގެެ ޓީމެއް - ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެވަނަ އެސެސްމަންޓް ޓީމް މިއަދު މެންދުރު ރާއްޖެއަށް ވަޑައިގެންފިއެވެ.

ކޮމަންވެލްތުގެ ޓީމެއް ރާއްޖެއަށް ވަޑައިގެންފައި މިވަނީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައިވަނިކޮށެވެ.

ރާއްޖެ އަށް މިއަދު ވަޑައިގެންނެވި ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ މިސް ކެޓަލައިނާ ސަޕްލޯ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮމަންވެލްތު ޓީމުގެ ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާއިއެކު ބައްދަލުކުރައްވާނެ ކަމަށެވެ.

ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެންފައިވަނީ އެޖަމާޢާތުގެ މެމްބަރުކަން އަލުން ރާއްޖެއަށް ދެއްވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އަދި މި އަހަރުގެ އެޕްރީލް މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް ކޮމަންވެލްތުގެ އޮބްޒާވަރ ގްރޫޕެއް ރާއްޖެއަށް ވަޑައިގެން، އިންތިޚާބުގެ ކަންކަން ހިނގި ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ވިދާޅުވެފައިވެއެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅަށް އަރުވާފައެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ރާއްޖެ އަނެއްކާވެސް ވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.