Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ދަށު ކޯޓުތަކުން ޖޭއެސްސީ އަށް އަލީ ޝަރީފް އިންތިހާބުކޮށްފި

ޖޭއެސްސީގެ ބައެއް މެމްބަރުން

ދަށު ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގައި އިންނަވާނެ ފަނޑިޔާރަކަށް ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު އިންތިހާބުކޮށްފިއެވެ.

މިއަދު ބޭއްވި އެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފަނޑިޔާރު އަލީ ޝަރީފަށް ވަނީ 127 ވޯޓު ލިބިވަޑައިގެންފައެވެ.

އޭނާއާއެކު ދެން މި އިންތިޚާބުގައި ވާދަ ކުރެއްވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ލިބިވަޑައިގެންނެވީ 37 ވޯޓެވެ. އަދި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއް ރައްޒާގަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.

ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ވޯޓު ލުމުގެ ހައްގު 178 ފަނޑިޔާރަކަށް ލިބިވަޑައިގަންނަވާއިރު 167 ފަނޑިޔާރަކު ވަނީ މިއަދުގެ އިންތިހާބުގައި ވޯޓު ދެއްވާފައެވެ.

މި އިންތިހާބަކީ ޖޭއެސްސީގައި އިންނަވާ ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ މެންބަރު ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހުގެ 27 ވަނަ ދުވަހަށް ހަމަވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން ބޭއްވި އިންތިހާބެކެވެ.