Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ޗެލްސީ ފުރަތަމަ މޮޅު ހޯދައިފި

ނޯވިޗް ސިޓީގެ މައްޗަށް 2-3 އިން ކުރި ހޯދައި ޗެލްސީން މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއީ ލީގުގައި ޗެލްސީން ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ މެޗުގައި އެޓީމު ވަނީ މެންޗެސްޓަރ ޔުނައިޓެޑާ ބައްދަލުކޮށް 4-0 އިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ލެސްޓަ ސިޓީއާ ބައްދަލުކޮށް ޗެލްސީ ވީ 1-1 އިން އެއްވަރެވެ.

ނޯވިޗްގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލީޑު ނަގާދީފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމްއެވެ. ނަމަވެސް އޭގެ ތިން މިނެޓްފަހުން ޓޮޑް ކަންޓްވެލް ވަނީ ނޯވިޗް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 17 ވަނަ މިނެޓްގައި މޭސަން މައުންޓްގެ ގޯލާއެކު ޗެލްސީން ދެވަނަ ފަހަރަށް ލީޑު ނެގިއިރު މި ގޯލަށްފަހު ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ޗެލްސީ އަށް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ޗެލްސީ އަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 30 ވަނަ މިނެޓްގައި ޕުއްކީ ނޯވިޗް އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 68 ވަނަ މިނެޓްގައި އަބްރަހަމް ވަނީ ތިންވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ނަގާދީފައެވެ. ތިންވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދޭން ނޯވިޗްގެ ގޮޑްފްރޭ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ލީގުގެ ފުރަތަމަ މޮޅު ޗެލްސީން ހޯދާފައިވާއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. ނޯވިޗް ނިކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ.