Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ޕެލެސް އިން ފަހު ވަގުތު ޔުނައިޓެޑް ބަލިކޮށްފި

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު 2-1 އިން ކްރިސްޓަލް ޕެލެސް އިން ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޕެލެސް އިންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓްގައި މި ގޯލު ޕެލެސް އަށް ކާމިޔާބުކޮށްދިނީ ޖޯޑަން އަޔޫއެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޕެލެސްގެ ލީޑު ފުޅާކޮށްލަން ޒަހާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

ޕެލެސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ޔުނައިޓެޑުން ދިޔައީ ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ރަޝްފޯޑް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 89 ވަނަ މިނެޓްގައި ޑެނިއަލް ޖޭމްސް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ލީޑު ނަގަން ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނިކޮށް ޕެލެސް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ޕެޓްރިކް ވަން އާންހޯލްޓް ވަނީ އެޓީމަށް ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު ޕެލެސް އަށް ކަށަވަރުކޮށްދީފައެވެ.

މިރޭގެ މެޗުން ޔުނައިޓެޑް ބަލިވިއިރު މިއީ 1989 ވަނަ އަހަރަށްފަހު ޔުނައިޓެޑްގެ ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް ޕެލެސް އިން ކުރި ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. ޕެލެސް ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.