Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ސަލާހުގެ ދެ ގޯލުން ލިވަޕޫލުން އާސެނަލް ބަލިކޮށްފި

މުހައްމަދު ސަލާހުގެ ދެ ގޯލުން އާސެނަލްގެ މައްޗަށް 3-1 އިން ލިވަޕޫލް އިން ރޭ ކުރި ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބި ބޭކާރުވެފައެވެ.

އެގޮތުން އޮބަމަޔަންގް އާއި ޕެޕޭ ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ޕެޕޭ އަށް ވަނީ ގޯލްޖަހާނެ ހުސް ފުރުސަތެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ލިވަޕޫލްގެ ކީޕަރު އެޑްރިއަން ވަނީ ދިފާއުކޮށްފައެވެ.

އެ ފުރުސަތުތަކުގެ ބޭނުން އާސެނަލް އަށް ނުހިފުނުއިރު މެޗުގެ 41 ވަނަ މިނެޓްގައި މަޓިޕް ވަނީ ލިވަޕޫލް އަށް ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ 58 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ސަލާހު ކަމަށްވާއިރު މި ގޯލަށްފަހު ވެސް ލިވަޕޫލް އަށް ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި އާސެނަލް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ޓޮރެއިރާއެވެ.

ލީގުގައި ކުޅުނު ތިން މެޗުން ވެސް ލިވަޕޫލް މޮޅުވެފައިވާއިރު، ލީގުގައި މިހާރު މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލިވަޕޫލްއެވެ. އަނެއްކޮޅުން މިއީ އާސެނަލް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ.