Last Updated: April 25, 20:04
Thursday, April 25, 2024
ކުޅިވަރު

ލީގުގެ ދެވަނަ މެޗުން ރެއާލް އެއްވަރުވެއްޖެ

ސްޕެނިޝް ލީގުގެ ދެވަނަ މެޗުގައި ރޭ ރެއާލް މެޑްރިޑް އާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މިއީ ލީގުގައި ރެއާލް އިން ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 3-1 އިން ސެލްޓަވީގޯގެ މައްޗަށް ކުރި ހޯދާފައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ރެއާލްގެ ގެރެތް ބޭލް ވަނީ ނުރައްކާތެރި ހަމަލާއެއް ވަޔަޑޮލިޑްގެ ގޯލަށް ފޮނުވާލާފައެވެ. ދެވަނަ ހާފްގައި ވެސް ބޭލްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައިރު، ރެއާލްގެ ޒުވާން ފޯވާޑް ޔޮވިޗް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވިއެވެ.

އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 82 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މި ގޯލާއެކު ރެއާލް މޮޅުވާން ދަނިކޮށް މެޗުގެ 88 ވަނަ މިނެޓްގައި ގާޑިޔޯލާ ނަވާރޯ ވަނީ ވަޔަޑޮލިޑް އަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެޓީމަށް އެއްވަރުކޮށްދީފައެވެ.

ލީގުގައި ރެއާލް މެޑްރިޑް ދެން ބައްދަލުކުރާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.